Skip navigation

ޚަބަރު ޖުމުލަ – 1

-މުޙަންމަދު ޝާހިދު ޙަލީމް-

ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް އަތުރައިލެވޭ ލަފުޒުތަކެކެވެ. ލިޔުމުގައި ޖުމުލަ ނިންމަނީ /އެވެ/ މި އަކުރުންނެވެ. ބައެއް ޖުމުލައިގައި /އެވެ/ގެ އަލިފު އުނިވެފައި އެ އަލިފުގެ އެބެފިލި އެ އަކުރުގެ ކުރީގައި އޮންނަ ލަފުޒުގެ ފަހު އަކުރުގައި ޖެހެއެވެ. އެއީ އެ އަކުރުގައި ކުރިން އޮތް ފިލި އުނިވުމަށް ފަހުގައެވެ. ޖުމުލައިގެ ނިމުން /މެވެ، ނެވެ، ކެވެ/ ފަދަ ގޮތް ގޮތަށް އެ ހުންނަނީ އެ ހާލަތުގައެވެ. (އެކަމަކު މީހަކު ދެއްކި ވާހަކައެއް އޭނާ ވާހަކަދެއްކި އިބާރާތުން ލިޔެފައި އޮންނަ ލިޔުމެއްގައި ޖުމުލަތައް ނިމޭ އިރު މި ބަޔާންކުރެވުނު ފުރިހަމަކުރާ އަކުރެއް ނުހުރެއެވެ.) ލިޔުމުގައި، ޖުމުލަ ނިންމުމުގައި މި ބަޔާންކުރެވުނު ޖުމުލަ ފުރިހަމަކުރާ އަކުރާ ވިދިގެން ފަހަތުގައި ތިއްކެއް ވެސް ޖަހައެވެ. އެހެންކަމުން، މި ބަޔާންކުރެވުނު ޖުމުލަ ނިންމާ އަކުރާއި އޭގެ ފަހަތުގައި އޮންނަ ތިއްކަކީ އޭގެ ކުރީގައި ހުރި ލަފުޒުތަކަކީ ޖުމުލައެއް ކަން އަންގައިދޭ ފާހަގައެކެވެ. ނަމަވެސް އެ ލަފުޒުތައް ޖުމުލައަކަށް ވާނީ އެ ލަފުޒުތައް އަތުރައިލެވިފައި ވާ ގޮތުން އެ ލަފުޒުތަކުން ފުރިހަމަ މާނައެއް ދޭހަވާ ނަމައެވެ.

ޖުމުލައިގައި މައިގަނޑު ދެ ބައެއް އޮވެއެވެ. އެއީ “ކޮންމެވެސް އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ބުނާ ބުނުމަކާއި އެ ބުނުން ރައްދުވާ ފަރާތެވެ” (މުޙަންމަދު ޖަމީލު، 1969، ޞ9). އެ ދެބައިގެ ތެރެއިން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ބުނާ ބުނުން ރައްދުވާ ފަރާތަކީ ޖުމުލައިގެ “ފެށުން” (މުޙަންމަދު ޖަމީލު، 1970، ޞ4) ނުވަތަ “އިސްބައި” (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 2004، ޞ45) އެވެ. ޖުމުލައިގެ އިސްބަޔާ މެދު ބުނާ ބުނުމަކީ ޖުމުލައިގެ ޚަބަރެވެ.

ލަފުޒުތަކެއް ޖުމުލައަކަށް ވުމުގައި މަތީގައި މިބަޔާންކުރެވުނު ސިފަތައް ހުންނަންޖެހޭ ކަމަށް އޮތުމާ އެކުވެސް ދިވެހި ލިޔުންތަކުގައި އެ ސިފަތައް ހަމަނުވާ އެކަމަކު ޖުމުލައެއް ކަމުގައި ބެލެވޭ ލަފުޒުކޯޅިކޯޅި އެބަ ހުރެއެވެ. ތިރީގައި މި ވަނީ އޭގެ ޖުމުލައެކެވެ.

“މިހާރުގެ ޅަކުދީންގެ ސާސްކަފެވެ.”

މި “ޖުމުލަ”އިގެ ކުރީގައި އޮތް ޖުމުލައޮތީ ޖުމުލަ ފުރިހަމަކުރާ އަކުރު އޮވެފައި އޭގެ ފަހަތުގައި ތިއްކެއް ޖަހައި ނިންމައިފައެވެ. އެހެންކަމުން މި “ޖުމުލަ” މި ބެލެނީ ވަކި ޖުމުލައެއްގެ ގޮތުގައެވެ. ނަމަވެސް މި “ޖުމުލަ”އިގައި މި އޮތީ ހަމައެކަނި ޚަބަރެކެވެ. އިސްބައެއް ނެތެވެ. (މި ފަދަ ޖުމުލަތަކަށް އަޅުގަނޑު “ޚަބަރުޖުމުލަ” ކިޔާނަމެވެ.) ވީމާ، މި ޚަބަރުޖުމުލަ އިން ފުރިހަމަ މާނައެއް ދޭހަކުރުމަށް އިސްބަޔަކަށް ބޭނުންވެއެވެ. އެ ބޭނުން ފުރިހަމަ ކޮށްދެނީ އެ ޚަބަރުޖުމުލައިގެ ކުރީގައި، އޮތް ޖުމުލައެވެ. ކުރީގައި ދެންނެވި މިސާލު އޭގެ ކުރީގައި އޮތް ޖުމުލައާއެކު ތިރީގައި މި ވަނީ އެވެ.

“ކުރިއަށް އޮތް ސާސްކަފަކީ މިހާރުގެ ޒުވާނުންގެ ސާސްކަފެވެ. މިހާރުގެ ޅަކުދީންގެ ސާސްކަފެވެ.” – މުޙަންމަދު ޝާހިދު ޙަލީމް. (1999، ޞ28).

Image

 މިހާރު މާނަ ދޭހަވުމަކަށް އުނދަގުލެއް ނެތެވެ. ދެ ޖުމުލައިގެ ވެސް އިސްބަޔަކީ އެކައްޗެކެވެ. އެހެންކަމުން މި ތާނގައި ދެވަނަ ޖުމުލައިގައި އެ އިސްބައި ތަކުރާރުކޮށްފައި ނުވަނީއެވެ.

ދިވެހި ލިޔުންތަކުގައި މި ގޮތަށް ޚަބަރު ޖުމުލަ ގެނައުމުގައި އެއް ޖުމުލައަށް ވުރެން ގިނަ ޖުމުލަ ވެސް ގެނެސްފައި ހުރެއެވެ. ނަމަވެސް އެ ހުރިހައި ޖުމުލައެއްގެ ވެސް އިސްބައަކަށް ވެފައި އޮންނާނީ ޚަބަރުޖުމުލަތަކުގެ ކުރީގައި އޮތް ޖުމުލައިގެ އިސްބައެވެ. ތިރީގައި މި ނަކަލުކުރަނީ އެ ފަދަ މިސާލެކެވެ.

“ދިވެހިބަހަކީ ދިވެހީންގެ މާދަރީ ބަހެވެ. ދިވެހީންގެ ޤައުމިއްޔަތުގެ ނިޝާނެވެ. ދިވެހީންނަކީ ދިވެހީންކަން އަންގައިދޭ ފާހަގައެވެ. ދިވެހީންގެ މޫނެވެ.” – މުޙަންމަދު ޝާހިދު ޙަލީމް. (2008، ޞ1).

Image

 ތިރީގައި މި ވަނީ ތަފާތު ލިޔުންތެރީންގެ ލިޔުންތަކުން ނަކަލުކޮށްފައިވާ މި ފަދަ މިސާލުތަކެކެވެ.

“ބޭނުން ކަމަކީ ވިސްނުމުގެ ނަޒަރު ހިންގުމެވެ. ޢިބްރަތް ލިބިގަތުމެވެ. ރައްކައުތެރިވުމެވެ. އިޞްލާޙުވެގަތުމެވެ.” – މުޙަންމަދު ޖަމީލު. (1975، ޞ23).

“ލިޔާން ދަސްކުރުމަކީ މާތް މީހުންނަށް ރީތި ކަމެކެވެ. މުއްސަނދިންނަށް ފުރިހަމަ ކަމެކެވެ. ފަގީރުންނަށް މުދަލެކެވެ.” – ޢަބްދުﷲ ޞާދިޤު. (1975، ޞ15).

“އަޅުގަޑުގެ ހިތުގެ ތެރޭގައި އައުވެ އާލާވަމުން ދަނީ އިޓާލީ ވިލާތުގެ ހަދާންތަކެވެ. ރޯމްގެ އާޘާރުތަކެވެ. ވެނިސްގެ އާދަޔާ ޚިލާފުކަމެވެ. ފްލޮރަންސްގެ…. އާދެ، ތަޖުރިބާތަކެވެ.” – މުޙަންމަދު އަމީން. (1987، ޞ34).

“މިއީ މި އަހަރުގެ ޖުލައި މަހެވެ. ރާއްޖޭގެ ފަޚުރުވެރި މިނިވަންކަމަށް 48 އަހަރު ފުރޭ މިނިވަން ދުވަސް އަންނަ މަހެވެ. ދިވެހިންގެ ހިތްތަކުގައި ހިނގާ މިނިވަންކަމުގެ ޝުޢޫރުތައް ދޫތަކާއި ގަލަންތަކުން މަތިވެރި ދަރަޖައަކަށް ފައުޅުކުރެވޭ މަހެވެ. ތާރީޚުގެ ޞަފްޙާތަކުގެ ތެރެއިން އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރުގަދަ ޖިހާދުތަކުގެ ހަނދާންތައް އައުކުރެވޭ މަހެވެ.” – ޢަބްދުއްރަޝީދު ޙުސައިން. (2012، ޞ19).

“އިންސާނީ ޙައްޤުތަކަކީ އޭނާއަށް ފިޠުރީ ގޮތުން ލިބިފައިވާ އެއްޗެކެވެ. އޭނާ ހެއްދެވި އިރު ދެއްވައިފައިވާ ޙައްޤުތަކެކެވެ.” – އިބްރާހީމް ރަޝީދު މޫސާ. (2012، ޞ6).

މި ގޮތަށް ޚަބަރުޖުމުލަ ހިމަނައިގެން އިބާރާތްކުރުމުގައި ޚަބަރުޖުމުލައެއްގެ ފެށުން އެއީ އެ ޚަބަރުޖުމުލައާ ޖެހިގެން ފަހަތަށް އޮންނަ ޚަބަރުޖުމުލައިގެ ވެސް ފެށުން ކަމަށް ހަދައި ފަހަތު ޚަބަރުޖުމުލައިން އެ ބައި އުނިކޮށްލައިފައި ވެސް ހުރެއެވެ. އާދެ ޚަބަރު އިސްބަޔަކާއި ޚަބަރަކަށް ބައިކޮށްލުމަށް ފަހު އެ އިސްބައި ޖެހިގެން އޮންނަ ޖުމުލައިގައި ނުހިމަނަނީއެވެ. ތިރީގައި މި ވާ މިސާލުގެ ތިންވަނަ ޖުމުލައަކީ އެ ފަދަ ޖުމުލައެކެވެ.

“މިނިވަންކަމުގެ އުފާ ފުރިހަމަ ގޮތުގައި ލިބިގަންނަން ބޭނުން ނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ނަފްސު މިނިވަންކުރާށެވެ. ދެކޮޅުވެރިކަމާއި ނަފްރަތުގެ ކުޅިގަނޑު ފަހަށް ޖައްސައިލާށެވެ. ފައި އަޅައި އަޑިއަށް ގަންބައިލާށެވެ. ޙަސަދައާއި ތަޢައްޞުބުގެ ވަބާއިން މިންޖުވާށެވެ. ޤައުމަކީ އެންމެންގެ އެއްޗެއް ކަމުގައި ބަލާށެވެ. ޤައުމު މިނިވަންވީ ދުވަހު އެންމެން މިނިވަންވީ ކަމަށް ގަބޫލުކުރާށެވެ. ރާއްޖޭގެ ހުރިހައި ރައްޔިތުން މިނިވަންކަން ހިއްސާކުރަނީ އެއް މިންވަރަކަށް ކަމުގައި ދެކޭށެވެ.” – ޢަބްދުﷲ ނަޢީމު އިބްރާހީމް. (2012، ޞ79). Image

 ދިވެހިބަހުގައި މި ގޮތަށް ޚަބަރު ޖުމުލަ ހުންނަނީ ހަމައެކަނި ލިޔުމުގައެއް ނޫނެވެ. ވާހަކަދެއްކުމުގައި ނުވަތަ ތަޤުރީރުގައި ވެސް މި ފަދަ ޚަބަރު ޖުމުލަ ހުރެއެވެ. ތިރީގައި މި ވަނީ އޭގެ މިސާލެކެވެ.

“އަޅުގަނޑު ހިތުން އޭދަފުށި މިއަދު މި ހޯދީ ވަރަށް މަތިވެރި ފަޚުރެއް. ވަރަށް އަގުބޮޑު ކާމިޔާބީއެއް.” – ޢަބްދުﷲ ޙަމީދު. (1999، ޞ36).

މި ބާވަތުގެ ޚަބަރުޖުމުލަ އަބަދުވެސް އެހެން ޖުމުލައެއްގެ އިސްބަޔަށް ބަރޯސާވާނެއެވެ. އެ އިސްބައި އޮންނާނީ ޚަބަރުޖުމުލަޔާ ނުވަތަ ވިދިވިދިގެން ހުންނަ ޚަބަރުޖުމުލަތަކާ ޖެހިގެން ކުރީގައި އޮންނަ ޖުމުލައިގައެވެ.

ވިދިވިދިގެން ގެންނަ ޖުމުލަތަކެއްގައި އެއް އިސްބައެއް އޮވެފައި އެ އިސްބަޔަށް ބާރުލާން ބޭނުންވާ ހާލަތުގައި ހުރިހައި ޖުމުލައެއްގައި އެ އިސްބައި ތަކުރާރުކޮށްފައި ވެސް ހުރެއެވެ. މި ފަދަ ހާލަތުގައި އެއީ ޚަބަރުޖުމުލައެއް ނޫނެވެ. އެހެނީ އެ ހާލަތުގައި އެ ޖުމުލަ އެހެން ޖުމުލައެއްގެ އިސްބަޔަށް ބަރޯސާވާކަށް ނުޖެހެއެވެ. ތިރީގައި މި ވަނީ ލިޔުމަކުން ނަކަލުކޮށްފައިވާ އޭގެ މިސާލަކާއި ތަޤުރީރަކުން ނަކަލުކޮށްފައިވާ އޭގެ މިސާލެކެވެ.

“ރަމަޟާންމަހަކީ އަދަބުވެރިކަމުގެ މައްސަރެވެ. ރަމަޟާންމަހަކީ ތަހުޒީބުގެ މައްސަރެވެ. ރަމަޟާންމަހަކީ ޤުރްއާނުގެ މައްސަރެވެ. ރަމަޟާންމަހަކީ މާތް ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށް ޓަކައި ޖިހާދުކުރުމުގެ މައްސަރު ވެސް މެ އެވެ.” – ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން. (2012).

“ބޮޑު ތަކުރުފާނަކީ ދިވެހިރާއްޖޭގެ ޖޯޖް ވޯޝިންގްޓަން. ބޮޑު ތަކުރުފާނަކީ ދިވެހި ޤައުމުގެ މަހާތުމާ ގާނދީ. އަދި ކީއްތޯ. ބޮޑު ތަކުރުފާނަކީ ދިވެހި އުންމަތުގެ ޞަލާޙުއްދީނުލް އައްޔޫބީ.” – މައުމޫން ޢަބްދުލްޤައްޔޫމް. (1980، ޞ35).

***

_________________________________________

ޙަވާލާ:

އިބްރާހީމް ރަޝީދު މޫސާ. (2012، ޖުލައި). އިންސާނީ ޙައްޤުތަކާއި ދީނީ މިނިވަންކަން. ލިޔުންތެރިޔާ، 1(8)، 5-11.

މައުމޫން ޢަބްދުލްޤައްޔޫމް. (1980). 1 ރަބީޢުލް އައްވަލް 1400ހ. މި ދުވަހު ހއ. އުތީމުގައި ފާހަގަކުރެއްވި ޤައުމީދުވަހުގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ދެއްވި ތަޤްރީރު. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (އެޑިޓްކުރި)، ތިލަދުންމަތީ އުތީމުގައި ފާހަގަކުރެވުނު ދިވެހިރާއްޖޭގެ 36 ވަނަ ޤައުމީދުވަސް (ޞ. 35-46). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙަންމަދު އަމީން. (1987). ތުރުކީވިލާތް: ތުރުކީއާއި މެދު ވިސްނުމުގެ ނަޡަރެއް. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (އެޑިޓްކުރި)، ސައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް (ޞ. 34-45). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙަންމަދު ޖަމީލު. (1969). ފިޔަވަޅު-1 ދިވެހިބަހުގެ ގަވާއިދު. މާލެ: ސާދާގެ.

މުޙަންމަދު ޖަމީލު. (1970). ފިޔަވަޅު-2 ދިވެހިބަހުގެ ގަވާއިދު. މާލެ: މުޞަންނިފު.

މުޙަންމަދު ޖަމީލު. (1975، ޑިސެމްބަރ). ފަރުވާދޭންވީ ބަލިމީހަކީ ކާކުބާވައެވެ!. މޫރިތި، (2)، 15-18.

މުޙަންމަދު ޝާހިދު ޙަލީމު. (1999، އޯގަސްޓް). ދިވެހިބަހަކީ ތިންވަނަ ސާސްކަފުގައި ދިވެހީންނަށް ބޭނުން ބަހެއްބާ؟. ފަތްތޫރަ، 21(6)، 24-29.

މުޙަންމަދު ޝާހިދު ޙަލީމު. (2008). ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުން ]ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް – 2008 ގެ ސަޕްލިމެންޓް[. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ ގަވާއިދު – 1،2،3،4. މާލެ: މުޞައްނިފު.

ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން. (2012). 3.8.2012 ވަނަ ދުވަހު ވިދާޅުވުމަށް ހަމަޖެހިފައިވާ ހުކުރު ޚުޠުބާ – ނަޞްރުގެ މައްސަރު. ނެގީ: އޯގަސްޓް 10، 2012،

http://islamicaffairs.gov.mv/dh/images/uploads/382012Khuthubaa.pdf އިން.

ޢަބްދުއްރަޝީދު ޙުސައިން. (2012، ޖުލައި). މިނިވަންކަމަށް 47 އަހަރު ފުރުމުގެ އުފަލުގައި – 1965 ވަނަ އަހަރުގެ ބައެއް ހަނދާން. ލިޔުންތެރިޔާ، 1(8)، 19-29.

ޢަބްދުﷲ ޙަމީދު. (1999). އަތޮޅުވެރިންގެ ބައްދަލުވުން – 9 ހުޅުއްވައިދެއްވުމުގެ ޖަލްސާގައި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެއްކެވި ވާހަކަފުޅު. މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން (އެޑިޓްކުރި)، އަތޮޅުވެރިންގެ ބައްދަލުވުން – 9 ގެ ރިޕޯޓު (ޞ. 35-37). މާލެ: މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން.

ޢަބްދުﷲ ނަޢީމު އިބްރާހީމް. (2012، ޖުލައި). މިނިވަންކަމުގެ އުފާ އިޙްސާސް ނުކުރެވެނީ ކީއްވެގެން؟. ލިޔުންތެރިޔާ، 1(8)، 75-79.

ޢަބްދުﷲ ޞާދިޤު. (1975، ޑިސެމްބަރ). ހަނދާނުގެ އެންމެ ތޫނު ކަށިތައް-2. މޫރިތި، (2)، 22-23.

ނުނިމޭ އިންތިޒާރު

ކޮންމެ ދުވަހަކު އިރުއަރައި ދަންފަޅި އެ ހަމަކޮށް އޮއްސެޔޭ
ކޮންމެ ރެއަކުމެ ދަންވުމަށް ފަހު ފަޖުރުލައި ދޮންކޮށްލަޔޭ
ކޮންމެ ފަތިހެއް ނިމި އަލުން އާ ދުވަހަކަށް ފެށިގެން ދެޔޭ
ކޮންމެ ރެއަކާ ކޮންމެ ދުވަހެއް އެނބުރެމުން މި ގޮތަށް ދެޔޭ

ކޮންމެ ދުވަހެއް ނިމިދަނީ ހަމަ އިންތިޒާރެއް ކުރުމުގައި
ކޮންމެ ކަޅުފޮއި ރޭގަނޑެއް ވެސް ހަމަ އެ ހުވަފެން ދުށުމުގައި
ކޮންމެ އާ ދުވަހެއް އަލުން ބާ އިންތިޒާރަށް ފެށުމުގައި
ކޮންމެ ދުވަހެއް ނެތި ތަފާތެއް މި ގޮތުގައި ނިމިގެން ދެޔޭ

ކޮންމެ މިނެޓަކު ހީވަނީ މިތުރާ މަގޭ އެބަ އަންނަހެން
ކޮންމެ ހިލަމެއް ހީވަނީ ދިގު އިންތިޒާރެއް ނިމުނުހެން
ކޮންމެ ވަގުތަކު ހީވަނީ ހަމަ ކުރިމަތިން ވެސް ފެންނަހެން
ކޮންމެ ދުވަހެއް، ނަމަވިޔަސް މިތުރާ ނައިސް ނިމިގެން ދެޔޭ

ކޮންމެ ދުވަހަކު އޮއްސެނީ އިރު ލޯމަރައިލާ ހެން މިތުރު
ކޮންމެ ފަތިހެއް އަލިވަނީ ހުޅުވައިލަނީ ހެން ލޯ މިތުރު
ކޮންމެ ލުއިލުއި ރޯޅިއެއް، ހެން ބީހެނީ ނޭވާ މިތުރު
ކޮންމެ ހީއެއް، ނަމަވިޔަސް ވަހުމަށް ވެގެން ހަމަ ނިމިދެޔޭ

ކޮންމެ ނޭވާއެއް މެ ހޫނީ ހިޔަމިތުރު ދިން ހޫނަކުން
ކޮންމެ ވިންދެއް ވެސް މި ޖަހަނީ ހިޔަމިތުރު ދިން ތެޅުމަކުން
ކޮންމެ ހިއްސެއް ހޭލަނީ ވެސް ހިޔަމިތުރު ދިން އެނގުމަކުން
ކޮންމެ އިޙްސާސެއް މި ގޮތުގައި އަބަދުވެސް ދެމިގެން ދެޔޭ

ކޮންމެ ހަނދުވަރުދޭ ރެއެއް ވެސް ހަނދުވަރެއް ނެތިއޭ ދަނީ
ކޮންމެ އިރުއޮއްސޭ އެ ވަގުތެއް ކުލަތަކެއް ނެތިއޭ ދަނީ
ކޮންމެ ނަލަނަލަ ފަތިހު ފިންޏެއް ފިނިކަމެއް ނެތިއޭ ދަނީ
ކޮންމެ މަންޒަރަކުން ކުލަ ފިލައި ކަޅުހުދުން ފެނިގެން ދެޔޭ

ކޮންމެ ދުވަހެއް ވޭތި ވާނީ ހަމަ މިހެންބާ ތާއަބަދު
ކޮންމެ ފަތިހެއް އަލިވިލޭނީ އަނދިރިއަށްބާ ތާއަބަދު
ކޮންމެ ފޮނިރަހައެއް މެ ދޭނީ ހިތިރަހައިންބާ ތާއަބަދު
ކޮންމެ ދުވަހެއް ހިތް ސުވާލުގެ ފުން ކަނޑަށް ގެނބިގެން ދެޔޭ

ކޮންމެ މިނެޓެއް ކޮންމެ ގަޑިއެއް ކޮންމެ ދުވަހެއް ނިމިދެޔޭ
ކޮންމެ ކަމަކަށް އަންނަ ނިމުމެއް އޮންނަ ކަމުގައި ބުނެވެޔޭ
ކޮންމެ ވަގުތެއް ހިތް އެ މަސަލަސް ކުރުމުގައި ފާއިތުވެޔޭ
ކޮންމެ ދުވަހެއް ނިމިދެޔޭ، އާހް! އިންތިޒާރެއް ނުނިމެޔޭ

މުޙަންމަދު ޝާހިދު ޙަލީމް
27.9.2011

Welcome to WordPress.com. This is your first post. Edit or delete it and start blogging!

         އާޅެން

ފޮނިފޮނި،
ހިތިހިތި އިންތިޒާރު

 

އިންތިޒާރަކީ،

ފޮނިފޮނި އެއީ
ލައްޒަތެއް ލިބޭ ފިނިފިނި

ފިނިފިނި އެހައި
ރާޙަތެއް ނުވާ ގިނިގިނި

ގިނިގިނި ނިވޭ
ޙާލަތެއް ވެގެން ކަނިކަނި

ކަނިކަނި ނުވާ
މާމުޔެއް އެއީ ފޮނިފޮނި

 

އިންތިޒާރަކީ،

ހިތިހިތި އެއީ
ހިނދުތަކެއް ހިނގާ ދަތިދަތި

ދަތިދަތި އެހައި
ރޭގަނޑެއް ދުވާ ނެތިނެތި

ނެތިނެތި ނަޖާ
މާކަނޑެއް ފުނަށް ފެތިފެތި

ފެތިފެތި ކަނޑަށް
ކޯވަރެއް ބޮވޭ ހިތިހިތި

އަޑުއިވޭ ސުކުން

 

ފަޟީލަތުއްޝައިޚު
އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން، އައްތުޙްފަތުލް އަދަބިއްޔާ ގައި
ލިއުއްވައިފައި ވެއެވެ. "ދިވެހި ތާނައިގައި ސުކުން ވާ އޮންނަނީ ހަަތަރު
އަކުރެވެ. އެ ހަތަރު އަކުރަކީ (އަހަރެމެންގެ އެދުރު އައްޝައިޚު މުޙައްމަދު
ޖަމާލުއްދީނު ބުނިއް ނާއިބު ޢީސަލް މުލަކީ ރަޙިމަހުﷲ
 
 ވަނަފަޢަނާ ބިހީ. މިކަލޭގެފާނުގެ
ތާނަލިއުމުގެ ގަވާއިދެވެ ކިޔުނު ފޮތުގައި ބުނުއްވި ފަދައިން) އުނިތޮށި ނުވަތަ،
ތޫނު އޮށި، މި ދެ ބަހުގައި އެކުލެވުނު ހަތަރު އަކުރެވެ. މި ހަތަރު އަކުރުގައި
ސުކުން ޖެހުނީމާ ކިޔެނީ ޢަރަބި ލިޔުމުގައި، އަކުރު އަކުރުގައި ސުކުން ޖެހީމާ ކިޔޭ ގޮތަކަށެއް
ނޫނެވެ. މި ހަތަރު އަކުރު ވަކިކޮށް ދައްކާން ޖެހެނީ ވެސް މި ކަމަށް ޓަކައެވެ. އެހެންނާ
ސީނަކީ ވެސް ތާނަ ލިއުމުގައި  ސުކުން ވާ
އަކުރެކެވެ. އެ ސީނުގެ ސުކުން ޢަރަބި ލިއުމުގައި ވެސް ވާ ގޮތާއި، ދިވެހި ބަހުގައި ވާ
ގޮތާއި ވަކި ތަފާތެއް ނެތެވެ. މުލަކު މީހުންގެ ބަހުގައި ލާމަކީ ވެސް ސުކުން ވާ
އަކުރެކެވެ. މިއަކީ ވެސް ޢަރަބި ލިއުމުގެ ސުކުނަކާއި ވަކި ތަފާތެއް ވާ ސުކުނެއް
ނޫނެވެ. މަޘަލަން، "ކަލް މި ނިއެގުނެ އަފުންނަށް، އަލް ކަމެއްކަން ފެނުނީ މި،
ވަލް ކަން ވެދޫނީ މި."

ފަޟީލަތުއް ޝައިޚު
އަލްމަރްޙޫމް އިބްރާހީމް ރުޝްދީ، ސުއލަމުލް އަރީބުގައި ލިޔުއްވައިފައި ވެއެވެ.
"ދަންނައެ، ތާނައިގެ ސުކުން ކިޔެނީ، ހަތަރު ގޮތަކަށެވެ. އެއިން ކޮންމެ
ގޮތަކަށް ސުކުން ކިޔޭނީ އެ ގޮތަކުން ސުކުން ކިޔޭން ޚާއްޞަވެގެން ވާ
އަކުރަކުންނެވެ. … ފަހެ، އެ ހަތަރުގޮތުގެ ތެރެއިން އެކި ގޮތަށް އެކި އަކުރު
ޚާއްޞަވެގެން ވެއެވެ. (އާސީނުތަށި) މި ފަސް އަކުރުގައި ނޫނީ އަޞްލު ދިވެހި ބަސް
މޮށުމުގެ ތެރޭގައި، ސުކުން ޖެހޭ އަކުރެއް ނެތެވެ. ފަހެ މި ފަސްއަކުރު ނޫން
އަކުރެއް ގައި ސުކުން ޖެހިގެން، ނަމެއް ކިޔާފައ ވާ ނަމަ، ނުވަތަ ބަހެއް ބުނެވިފައި
ވާ ނަމަ، އެއީ، ބޭރު ބަހަކުން ވަދެފައި އޮތް ނަމަކަށް، ނުވަަތަ ބަހަކަށް މެނުވީ،
ނުވާނެއެވެ."

ދިވެހި ބަހުގެ ހުރިހައި
އެދުރުން ވެސް ވިދާޅުވެފައި ވާ ފަދައިން، ދިވެހީގެ އާންމު ބަހުރުވައިގައި ސުކުން
ކުރަމުން އައިީ ފަސް އަކުރެއްގައެވެ. އެއީ: ށަވިޔަންޏާއި، ނޫނާއި، އަލިފާއި، ތާ
އާއި، ސީނެވެ. މި 5 އަކުރުގެ އިތުރަށް ފުވައްމުލަކު ބަހުރުވައިގައި ލާމުގައި ވެސް
ސުކުން ކުރެއެވެ.

މި އަކުރުތަކުގައި
ސުކުން ކުރީމާ، ކިޔަނީ މައިގަނޑު ދެ ގޮތަކަށެވެ. އެއް ގޮތަކީ ސުކުން ކޮށްފައި
އޮންނަ އަކުރުގެ އަޑު ފާޅުވާ ގޮތެވެ. އަނެއް ގޮތަކީ ސުކުން ކޮށްފައި އޮންނަ
އަކުރުގެ އަޑު ފާޅު ނުވާ ގޮތެވެ. ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ވާ
ގޮތަށް ކިޔަނީ ސީނު ސުކުނެވެ. ފުވައްމުލަކު ބަހުރުވައިގައި ލާމު ސުކުން ވެސް
ކިޔަނީ މި ގޮތަށެވެ. ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ނުވާ ގޮތަށް
ކިޔަނީ ށަވިޔަނި ސުކުނާއި، ނޫނު ސުކުނާއި، އަލިފު ސުކުނާއި، ތާ ސުކުނެވެ.

ދިވެހީގެ ތެރެއަށް ބޭރު
ބަސްބަހުން ގެނައި ހުރިހައި ލަފުޒެއް، ނުވަތަ ލަފުޒެއްގެ ހުރިހައި އަޑެއް، އެ ގެނައި
ދުވަސްވަރެއްގެ ދިވެހި އަޑުތަކަށް ބަދަލުކޮށްލައިފައެއް ނެތެވެ. ދިވެހީގެ ތެރެއަށް
ބޭރު ބަސްބަހުން ވަދެފައި ހުރި ލަފުޒުތައް، އެ ބަސްބަހުގައި ކިޔާ ގޮތަށް ކިޔާށާއި،
ލިއުމަށް ކުރިއްސުރެން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ކަމަށް ޓަކައި،
ދިވެހި ލިޔާ، ތާނަ އަކުރަށް، އެކި ދުވަސްވަރު، އެކި އަދަދަށް، އަކުރު އިތުރު ކުރިއެވެ.
އަދި އެ ފަދަ ލަފުޒުތައް، ކިޔާ ގޮތަށް ލިޔުމަށް ޓަކައި، ށަވިޔަންޏާއި، ނޫނާއި،
އަލިފާއި، ތާ އާއި، ސީނު ނޫން އަކުރުތަކުގައި ވެސް ސުކުން ކުރާން ފެށިއެވެ.

ފަޟީލަތުއް ޝައިޚު
އަލްމަރްޙޫމް މުޙައްމަދު ޖަމީލު، ފަތްތޫރައިގެ ތޭރަ ވަނަ އަދަދު ގައި،
"ދިވެހިބަހުގެ ބައެއް ގަވާއިދާ ބެހޭ" މި މައިގަނޑު ނަމުގެ ދަށުގައި،
ލިއުއްވައިފައި ވާ މަޒުމޫނެއްގައި ވެއެވެ. "މި ދެންނެވީ މާ ކުރީގައި ވެސް އެ ކަން
އޮތް ގޮތެވެ. (މާތުރަ: މި ޖުމުލައިގައި ފަޟީލަތުއް ޝައިޚު އަލްމަރްޙޫމް މުޙައްމަދު
ޖަމީލު، "މި ދެންނެވީ،"އޭ ވިދާޅުވެފައި އެ ވަނީ، މި މަޒުމޫނުގެ
ކުރީބައިގައި ތާނަ ލިޔުމުގެ ގަވާއިދާއި، އައްތުޙްފަތުލް އަދަބިއްޔާއަށް ޙަވާލާ ދީ
ބަޔާންކޮށްފައި އެ ވާ، ދިވެހިބަހުގައި ކުރިއްސުރެން ށަވިޔަންޏާއި، ނޫނާއި،
އަލިފާއި، ތާއާއި، ލާމާއި، ސީނުގައި ސުކުން ކުރަމުން އަންނަ ވާހަކަ
ވިދާޅުވުމަށެވެ.) ދެން މިހާރުގެ ތާނައަށް ބަލައިލަމާތޯ އެވެ؟ ބަލާ އިރު ވަރަށް
ގިނަ އަކުރުގައި، ސުކުން ކުރާން ޖެހެއެވެ. އަދި ވަކީން ޚާއްޞަ ގޮތެއްގައި، މުޅީން
ތާނައިން ލިޔާ ނަމަ ހުރިހައި އަކުރެއްގައި ވެސް ސުކުން ކުރާން ޖެހެއެވެ. ސުކުން ކުރާން
ނުޖެހޭ އެންމެ އަކުރެއް ނޫނީ އަޅުގަނޑުގެ ހިތަކަށް ނާދެއެވެ. އެ އަކުރަކީ
ޏަވިޔަންޏެވެ. އެ އަކުރުގައި ސުކުން ކޮށްގެން ކިޔޭ ބަހެއް، އަޅުގަނޑުގެ
ހަނދާނަކަށް ނަޔެވެ. މި ކަން މިހެން އޮތުމާ އެކު، ސުކުން ކުރެވޭ އަކުރު
ކަނޑައަޅައި ބުނާ ގަވާއިދަށް އޮތީ ބަދަލު ގެންނާން ޖެހިފައެވެ."

ދިވެހީގައި ސުކުން
ކުރަމުން އަންނަ ހަމަތަކަށް ބަލާ އިރު، ބުނެވެން އޮތީ، ތާނައިގެ ކޮންމެ އަކުރެއް ގައި
ވެސް ސުކުން ކުރެވޭނެ ކަމަށެވެ. (ޏަވިޔަނީގައި ވެސް، ޏަވިޔަނީގެ އަޑު އިވޭ ގޮތަށް
ސުކުން ކުރެވޭ ލަފުޒެއް، ދުނިޔޭގެ އެއްވެސް ބަހެއްގައި އޮވެފައި، އެ ލަފުޒު
ދިވެހިބަހަށް ގެންނަ ދުވަހެއް އަތުވެއްޖެ ނަމަ، ޏަވިޔަނީގައި ވެސް ސުކުން ކުރެވޭނެ
އެވެ.)

ދިވެހީގައި، ސުކުން
ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެ ދެ ބަޔަކީ، އަޑު ނީވޭ ސުކުނާއި، އަޑު އިވޭ
ސުކުނެވެ. އަޑު ނީވޭ ސުކުނަކީ، ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ނުވާ ގޮތަށް
ކިޔާ ސުކުނެވެ. އަޑު އިވޭ ސުކުނަކީ، ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ވާ
ގޮތަށް ކިޔާ ސުކުނެވެ.

ދިވެހީގައި ބޭނުން ކުރަން،
ބޭރު ބަސް ބަހުން ހޯދައިފައިވާ ލަފުޒުލަފުޒު، ހެޔޮކޮށް ލިޔުމަށް ޓަކައި،
ދިވެހީގައި، އަޑު ނީވޭ ސުކުން ކުރެވޭ އަކުރުތަކުގައި ވެސް، އަޑު އިވޭ ސުކުން
ކުރަމުން ދަނިކޮށް، 1980 ވަނަ އަހަރު، ސެޕްޓެންބަރު މަހު، ދިވެހިބަހާއި އަދަބަށް
ޚިދުމަތް ކުރާ މަޖިލީހުން ފާސްކުރުމެއް ފާސް ކުރިއެވެ. އެއީ، އަލިފާއި، ޢައިނާއި،
ތާގައި އަޑު އިވޭ ސުކުން ކުރާން ޖެހޭ ތަންތާނ ގައި، އެ އަކުރުތަކުގައި އުބުފިލި
ޖެހުމެވެ.

ދިވެހި ބަހާއި ތާރީޚަށް
ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ނެރެފައިވާ، ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި
ވެއެވެ. "މިހާރަކަށް އައިސް ލިޔުމުގައި ކޮންމެހެން ލިޔާން ޖެހޭ ބޭރު ބައެއް
ބަސްބަސް ތާނައިން ލިޔެވެމުން ދަނީ ލިޔަން ހަމަޖެހިފައިވާ ގޮތާ ޚިލާފަށެވެ.
ތިރީގައި މި ވަނީ އެ ފަދަ ބައެއް ބަސްބަސް ލިޔާންވީ ރަނގަޅުގޮތާއި ރަނގަޅުނޫން
ގޮތުގެ މިސާލުކޮޅެކެވެ.

 

ރަނގަޅު ނޫން ގޮތް

ރަނގަޅު ގޮތް

ސަބަބު

ކޮމަންވެލްތް

ކޮމަންވެލްތު

ތގެ އަޑު ފާޅުކުޅައުމަށްޓަކައި

އެލިޒަބަތް

އެލިޒަބަތު

ތގެ އަޑު ފާޅުކުޅައުމަށްޓަކައި

މިނިސްޓްރީ އޮފް ހެލްތް

މިނިސްޓްރީ އޮފް ހެލްތު

ތގެ އަޑު ފާޅުކުޅައުމަށްޓަކައި

ތަޢްލީމު

ތަޢުލީމު

އގެ އަޑު ފާޅުކުޅައުމަށްޓަކައި

މައްޛޫން

މައުޛޫނު

ހަމްޒާގެ އަޑު ފާޅުކުޅައުމަށްޓަކައި

ނޯޓު: މި ޓޭބަލުގައި މި ވަނީ
24 ސެޕްޓެމްބަރ 1980 ވަނަ ދުވަހު ބޭއްވުނު ދިވެހިބަހާއި އަދަބަށް ޚިދުމަތް ކުރާ
މަޖިލީހުން ފާސް ކުރައްވައިފައި ވާ ފާސްކުރެއްވުމެކެވެ."

ދިވެހި ބަހާއި އަދަބަށް
ޚިދުމަތް ކުރާ މަޖިލީހުން ފާސް ކޮށްފައި ވާ، މި ފާސްކުރުމާ، އަޅުގަނޑަށް މުޅިން
އެއްބަހެއް ނުވެވެއެވެ. މި ތާވަލުގައި ވާ މިސާލުތަކަށް ބަލައިލަމާތޯ އެވެ.
ފުރަތަމަ "ކޮމަންވެލްތް" އާއި "މިނިސްޓްރީ އޮފް ހެލްތް" އެވެ.
މި ދެ މިސާލުގައި ތާގައި ޖަހައިފައި އެވަނީ، އަޑު އިވޭ ސުކުނެވެ. އެހެންކަމުން އެ
ތާ ސުކުން ކިޔޭނީ ތާގެ އަޑު ފާޅު ކޮށެވެ. ސުކުނެއްގެ ފަހަތުގައި އޮންނަ ސުކުނެއް،
އެ ސުކުން ކޮށްފައި އޮންނަ އަކުރުގެ އަޑު ފާޅު ނުކޮށް ނުކިޔޭނެތީ، މި ފަދަ ތަންތާނ
ގައި، ސުކުން ކުރެވޭ އަކުރުގެ އަޑު ފާޅުކުރުމަށް، އެ އަކުރުގައި، އުބުފިލި
ޖެހުމުގެ ބޭނުމެއް ނެތެވެ.

ދެން "ތަޢްލީމު"
އެވެ. މި ލަފުޒުގައި ސުކުން އޮތީ، ޢައިނުގައެވެ. އެހެންކަމުން އެ ތާނގައި އަލިފުގެ
އަޑު ފާޅު ކުރާކަށް ވެސް ނުޖެހެއެވެ. އަދި ޢައިނަކީ އަޑު ނީވޭ ސުކުން ކުރެވޭ
އަކުރަކަށް ނުވާތީ، ތަޢްލީމު، ޢައިނުގެ އަޑު ފާޅު ނުކޮށެއް ނުކިޔޭނެއެވެ.
އެހެންކަމުން، އަޑުނީވޭ ސުކުންކުރެވޭ އަކުރެއްގެއަޑު ފާޅު ކުރުމަށްޓަކައި، އެ އަކުރުގައި،
ސުކުނުގެބަދަލުގައި، އުބުފިލި ޖެހުމުގެ ބޭނުމެއް ނެތެވެ. "މަޣްރިބު"
ކަހަލަ، ޣައިނުގައި ސުކުން ކުރެވޭ ލަފުޒުލަފުޒު ގައި ވެސް، ޣައިނުގެ އަޑު
ފާޅުކުރުމަށް ޓަކައި، ސުކުނުގެ ބަދަލުގައި، އުބުފިލި ޖެހުމުގެ ބޭނުމެއް ނެތް
ފަދައިންނެވެ.

ދެން،
"އެލިޒަބަތް" އާއި "މައްޛޫން" އެވެ. މި ދެ ލަފުޒުގައި ސުކުން
ކުރެވިފައި އޮތް، ތާ އާއި، އަލިފަކީ، ދިވެހީގައި އަޑު ނީވޭ ސުކުން ކުރެވޭ ދެ އަކުރެވެ.
އަދި، މި ދެ ލަފުޒު ގައި، ސުކުން ކުރެވިފައި އޮތް، ތާ އާއި، އަލިފުގެ ކުރީގައި
ސުކުން ކުރެވިފައި އޮތް އެހެން އަކުރެއް ނެތުމުން، ފަހަރެއްގައި މީހަކު، މި ދެ ސުކުން،
ސުކުން ކުރެވިފައި އޮތް އަކުރުގެ އަޑު ފާޅު ނުކޮށް ވެސް ކިޔައިފާނެއެވެ.

އެކަމަކު، ދިވެހީގައި
ނޫނަކީ ވެސް އަޑު އިވޭ ސުކުނާއި، އަޑު ނީވޭ ސުކުން ކުރެވޭ އަކުރެކެވެ. ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 144 ވަނަ މާއްދާގައި އޮންނަ "… ދިވެހި ރާއްޖޭގެ
ނުވަތަ ދިވެހިރާއްޖޭގެ ވަކި ހިސާބެއްގެ އަމަންއަމާންކަމަށް ގެއްލުން ލިބިދާނެ ކަމަށް
ރައީސުލް ޖުމްހޫރިއްޔާ އަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި …" މި
ޢިބާރާތުގައި އެ އޮތް "އަމަން" މި ލަފުޒުގައި ނޫނުގައި ކޮށްފައި  އެ އޮތީ އަޑު އިވޭ ސުކުނެކެވެ. ނޫނަކީ، އަޑު ނީވޭ
ސުކުން ވެސް ކުރެވޭ އަކުރަކަށް ވާތީ، "އަމަން" ގެ ނޫނުގެ އަޑު ފާޅު ކުރުމަށް
ޓަކައި، އެ ނޫނު ގައި، އުބުފިލި ނުޖެހި ނަމަވެސް، އެ ނޫނު ކިޔާ އަޑު އިވެނީ،
ނޫނުގެ އަޑު ފާޅުކޮށެވެ. އަދި ނޫހެއްގައި އޮތް މަޒުމޫނަކުން ދެ ޖުމުލައެއް
ދަންނަވައިލާނަމެވެ. "މައިންތަކުގެ މައްސަލަ ކިތަންމެ ބޮޑުވެފައި ވީ ނަމަވެސް
މި ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.
ބޮސްނިޔާގެ ކަންކޮޅުތަކުގައި މައިން ވަޅުލައިފައިވާ 19 ހާހަށްވުރެ ގިނަ ސަރަހައްދު
ވެއެވެ. އެ ތަންތަނުގައި މައިން ވަޅުލައިފައިވާ ގޮތާއި އަދަދު މާރަނގަޅަކަށް ސާފު ވާނެ
ގޮތެއް ވެސް ނެތެވެ." މި މަޒުމޫނުގައި މި އޮތް މައިނަކީ، މައިންބަފައިން ކިޔާ
އިރު އެ އޮންނަ މައިންނެއް ނޫނެވެ. މައިންބަފައިންގެ "މައިން" ގެ
ނޫނުގައި ކޮށްފައި އޮންނަނީ އަޑު ނީވޭ ސުކުނެވެ. "މައިން" ގެ ނޫނު ސުކުން
ދެ ގޮތަށް ކިޔޭ އިރު ވެސް އަދި، މި ދެންނެވި މަޒުމޫނުގައި އޮތް
"މައިން"ގެ ނޫނުގެ އަޑު ފާޅުކުރުމަށް ޓަކައި، އެ ނޫނު ގައި، އުބުފިލި
ނުޖެހި ނަމަވެސް، އެ ނޫނު ވެސް ކިޔާ އަޑު އިވެނީ، ނޫނުގެ އަޑުފާޅުކޮށެވެ.

އެހެންކަމުން، ތާ އާއި،
އަލިފު ގައި އަޑު އިވޭ ސުކުން ކުރެވޭ ތަންތާނ ގައި، ތާ އާއި އަލިފުގެ އަޑު ފާޅު ކުރުމަށް
ޓަކައި، ސުކުނުގެ ބަދަލުގައި އުބުފިލި ނުޖެހި ނަމަވެސް، ނޫނެކޭ އެއްގޮތަށް،
އަކުރުގެ އަޑު ފާޅުކޮށް ކިޔޭނެއެވެ.

ފަޟީލަތުއްޝައިޚު
އަލްމަރްޙޫމް މުޙައްމަދު ޖަމީލު ލިޔުއްވައިފައި ވާ ގޮތުގައި ވެސް، ބޭރު ބަސްބަސް
އެ ބަސްބަސް ކިޔާ ގޮތަށް ލިޔުމަށް ޓަކައި، ތާގައި ސުކުން ކުރެވެއެވެ. މި ފަދަ
ތާގައި އުބުފިލި ނުޖަހައި، ސުކުން ކުރުމުން ތާގެ އަޑު ފާޅު ނުވާނެ ކަމަކަށް
ލިޔުއްވައިފައެއް ނެތެވެ. ލިޔުއްވައިފައި ވަނީ މި ފަދަ ތާ ސުކުން ކިޔާނީ، ތާގެ
އަޑު ފާޅުކޮށް ކަމަށެވެ. އެމަނިކުފާނު، ފިޔަވަޅު- 1، ދިވެހިބަހުގެ ގަވާއިދުގައި
ލިޔުއްވައިފައި ވެއެވެ. "ތާ ސުކުން ކިޔޭނީ، ޔާގެ ތަޝްދީދެއް ކިޔާން ފަށާ ގޮތަށެވެ.
މިސާލީ: އަތް، ނިތް، ފުތް، ގޮތް، ނެތް.

އެލިޒަބަތް، ސުނިލްދަތް
ފަދަ ބޭރު ބައެއް ނަންނަމުގައި ފަހުއަކުރުގައި އޮންނަ ތ ސުކުން ކިޔޭނީ މިޔާއި
ތަފާތު ގޮތަކަށެވެ. ޢަރަބި ތާއެއް ގައި ސުކުންވީމާ ކިޔޭ ގޮތަށެވެ."

                                                                                                          (ނިމުނީ)

އާޅެން

ރޯނޭހެން ނޫޅެއްޗޭ!


"ދުނިޔެއީ ވާ ތަނެކޭ" ރުއިމާ ހުނުމާ ގެތިފައި،

އުނިކަމޭ މީ މި ކިޔާ
ދުނިޔޭގައި ހުރި ފެވިފައި
،

އުނިކަމެއް ނާދޭ މޮޅު
ދެރަޔަށް ވީމާ ބެހިފައި
،

"ދުނިޔެއީ ވާ ތަނެކޭ"، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ.

 

ދުނިޔެއުޅުމަށް ލިބުނަސް
ޖާހާ ބޮޑު ޢިއްޒަތުގައި
،

ފުނިޖަހައިފައި މުދަލާ
ފައިސާ ހުއްޓަސް އަތުގައި
،

ތުނި ލަޠީފީ އަތްތައް
ފިރުމައި ހެދިޔަސް ހިތުގައި،

މުނިއަވަސް މިތުރުން ފިލުވައިދިނަކަސް
އެއް ގޮތުގައި،

މުނިދަރީންނަށް ދަންދެން
އެކު އުޅުނަސް އެއް ވަތުގައި
،

"ދުނިޔެއީ ވާ
ތަނެކޭ"
، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ.

 

އެކަމަކު؛

ދުނިޔޭގައި ރޮވުނަސް
ހެޔޮ!

ރޮއިރޮއި ގިސްލެވުނަސް
ހެޔޮ!

ގިސްލައިލައި ހިނދުނަސް
ހެޔޮ!

 

ނަމަނަމަ،

ދުނިޔެއިން ދިއުމަށް
ފަހު ރޯނޭހެން ނޫޅެއްޗޭ!

ބުނި ބަހޭ ޝާހިދު، "ގޯހެކެ މަކޮޔާ ނުހިތައްޗޭ!"

މާދަރީބަހުގެ ދުވަސް – ފެކަލްޓީ އޮފް
އާޓްސް

ބައިނަލްއަޤްވާމީ
މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ
އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އާޓްސް އިން ބޭއްވި ހަވީރެއް 27 ފެބްރުއަރީ 2010
ގައި އެ ކޮލެޖުގެ ގޯތިތެރޭގައި ބާއްވައިފި އެވެ. މި ހަވީރުގައި ދިވެހި ބަހުގެ
އެކިއެކި ހަރަކާތްތައް ހިންގުނެވެ. މި ހަރަކާތްތައް ހިންގީ އެ ފެކަލްޓީން މިހާރު
ހިންގާ ކޯސްތަކުގެ ދަރިވަރުންނެވެ. މި ހަރަކާތްތައް އޮތީ އެ ހަވީރަށް ޒިޔާރަތްކުރި
ކުދީންނާއި މީހުންނަށް ބައިވެރި ވެވޭ ގޮތަށެވެ. ހަވީރަށް ޒިޔާރަތްކުރި ވަރަށް ގިނަ
ކުދީން މި ހަރަކާތްތަކުގައި ބައިވެރިވިއެވެ.

މި ހަވީރުގައި ކުރިއަށް
ދިޔަ ހަރަކާތްތަކުގެ ތެރޭގައި ޖުމުލަ ހެދުމާއި، ވާހަކަދެއްކުމާއި، ވާހަކަ ކިޔުމާއި
މި ނޫންވެސް ކިތަންމެ ކަމެއް ހިމެނުނެވެ. އަދި މާދަރީބަހާ ގުޅޭ ދެ ލުއިފޮތެއް ވެސް
ބެއްސެވެ. އަދި ދިވެހިބަހުން ޓީވީ ޚަބަރުކިޔުމުގެ ހަރަކާތެއް ވެސް ކުރިޔަށް
ދިޔައެވެ.

މި ހަވީރަށް ކޮލެޖުގެ
ގޯތިތެރެ އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ދުވަހާ ގުޅޭ ލިޔުންތަކާއި ފޮޓޯތަކުން
ނަލަހައްދައިލައިފައެވެ. އަދި މި ހަރަކާތްތައް ހިންގަމުންގެންދިޔަ އެ ފެކަލްޓީގެ
ކޯސްތަކުގެ ދަރިވަރުން ވެސް ފެނުނީ ވަރަށް ދިވެހިކޮށެވެ.

ޓީވީ ޚަބަރު ކިޔުމަށް
ތައްޔާރުކޮށްފައި ހުރި ތާނގެ ފުރަގަހުގައި ޚަބަރު ކިޔާކުއްޖާގެ ފުރަގަހުން
ފެންނަން ހުރި ބޮޑު އިޝްތިހާރު ދިވެހިބަހުން ހުރި ނަމަ، ނުވަތަ ތާނައަކުރުން ވެސް
ލިޔެލައިފައި ހުރި ނަމަ، އިތުރު ފުރިހަމަކަމެއް ލިބިގެން ދިޔައީހެވެ.

 (ދުވަހާގުޅޭ ފޮޓޯ އަލްބަމެއް، މި ސަފުހާގެ ފޮޓޯއަލްބަމުތަކުގެ
ބައިގައި ވާނެއެވެ.)

މާދަރީބަހުގެ ދުވަސް – މާފުށި

ބައިނަލްއަޤްވާމީ
މާދަރީބަހުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވި ހަރަކާތްތައް (އަދަބީ ސަގާފީ އީދު) މި
އަހަރު އޮތީ 20 ފެބްރުއަރީ 2010 ގައި މާލެ އަތޮޅު މާފުށީ އިސްކޫލުގައެވެ.
މި އީދު
ބޭއްވުނީ އެ މަރުކަޒާއި މާފުށީ އިސްކޫލާއި މާފުށި ހިމެނޭ ސަރަހައްދުގެ ޕްރޮވިންސް
އޮފީސް ގުޅިގެންނެވެ. މި އީދުގައި އޮތީ އީދުގައި ބައިވެރިވި މަދަރުސާތަކުގެ
ދަރިވަރުން އަދަބީ ސަގާފީ ހުށަހެޅުންތައް ހުށަހެޅުމެވެ. މި އީިދުގައި ބައިވެރިވީ
މާލޭގެ ބައެއް މަދަރުސާތަކުގެ ދަރިވަރުންނާއި މާފުށީ އިސްކޫލުގެ ދަރިވަރުންނެވެ.


މި އީދުގައި އެންމެ
ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ މާފުށީ އިސްކޫލުން މި އީދަށް
ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމެވެ. އިސްކޫލުގެ ގޯތިތެރެއާއި، ކިލާސްތަކާއި، މާލަމާއި،
ހަރަކާތްތައް ހިންގުމަށް ތައްޔާރުކޮށްފައިވާ އިސްޓޭޖު ދުވަހާ ގުޅޭގޮތަށް
ފަޅުފިލުވާލައިފައިވާލެއް ފުރިހަމަ ކަމެވެ. ނަޒަރު ހިންގައިލި ކޮންމެ ދިމާއަކުން
ދިވެހިބަހުގެ ލިޔުންތައް ފެންނަން ހުއްޓެވެ. އެކިއެކި މަސައްކަތުގައި ބޭނުންކުރާ
ބައެއް ތަކެތި ދިވެހިބަހުގެ އެކި ބަހުރުވަތަކުން އެއަށް ކިޔާ ނަމާއެކު
ދައްކައިލައިފައި ހުއްޓެވެ. އަދި ހުވަދު އަތޮޅުގައި ކިޔާ ބަންޖެއްވެސް، އެ ބަންޖާމެދު
ކިޔެމުން އަންނަ ވާހަކައާ އެކު ލިޔެފައި ބަހައްޓައިފައި ހުއްޓެވެ.

އިސްޓޭޖުމަތީގައި
މަދަރުސާތަކުގެ ދަރިވަރުން ހުށަހެޅި އައިޓަމުތަކުގެ ތެރޭގައި ބަނދި، ރައިވަރު،
ޅެން، ނާނާ ކިއުމާއި، ދިވެހިބަހުގެ ތަފާތު ބަހުރުވަތަކުން ވާހަކަދެއްކުމާއި، ދިވެހި
ކުޅިވަރުތައް ކުޅުމާއި، ތަމުސީލުތައް ކުޅުން ހިމެނިގެން ދިޔައެވެ. މިއިން ކޮންމެ
އައިޓަމަކީ ވެސް ވަރަށް ހުނަރުވެރިކަމާއެކު ހުށަހަޅައިދިން އައިޓަމެކެވެ.

މި ދުވަހުގެ
ހަރަކާތްތަކުގައި ބައިވެރިވުމަށް މާލެއާއި މާފުށްޓާ ދެމެދު ކުރެވުނު ދަތުރަކީ ވެސް
ޖުމުލަގޮތެއްގައި އުފާވެރި ދަތުރެކެވެ. އެނބުރި މާލެއަށް ދިޔައިރު ކަނޑުގަދަވުމުގެ
ސަބަބުން ބައެއް ކުދީން ހިސާބަކަށް ހޮޑުލީ ނަމަވެސް، މާފުށްޓަށް ދިޔައިރުއާއި
އެނބުރި މާލެއަށް އައިއިރުގެ ގިނަ ވަގުތު ހޭދަވީ ބޮޑުބެރާއެކުގައެވެ.

(ދުވަހާގުޅޭ ފޮޓޯއަލްބަމެއް،
މި ސަފުހާގެ ފޮޓޯއަލްބަމުތަކުގެ ބައިގައި ވާނެއެވެ.)

އަތޮޅުތެރެ، އަތޮޅުތައް

 

އިއްޔެ، ޤައުމީދުވަހު، ދޭއްޖެހި އިރު ޓީވީ
ޚަބަރު ބަލައިލަން އިނީމެވެ. ޚަބަރު ފަށަމުން އެ ގަޑީގައި ދައްކާނޭ ބައެއް
ޚަބަރުގެ ވާހަކަ ބުނި އިރު، "މާލެ އާއި އަތޮޅުތެރޭގެ" އެކި
ހިސާބުގައި ޤައުމީ ދުވަސް ފާހަގަކުރަމުން އެބަ ދާ ކަމުގެ ޚަބަރުގެ ވާހަކަ
ބުންޏެވެ. އެކަމަކު އެއީ ކޮން އަތޮޅެއް ކަމެއް ނުބުނެއެވެ. އެ ޚަބަރަށް ފެށި އިރު
ފެށީ "ޤައުމީ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި" ފާހަގަކުރާ
ވާހަކައިންނެވެ. އަދި އެ ދުވަސް ފާހަގަކުރުމުގެ ގޮތުން "މާލެ އާއި އަތޮޅުތަކުގެ"
އެކި އިސްކޫލުތަކުގައި އެކި އެކި ހަރަކާތް ހިންގި ވާހަކަ ޚަބަރުގައި ކިއެވެ.

ހަމަ އެކަނި މި ޚަބަރުގައެއް ނޫނެވެ. އެހެން
ބައެއް ޚަބަރުތަކުގައާއި، މީހުން ދައްކާ ވާހަކައިގައާއި، ލިއުންތަކުގައި، ރާއްޖޭގެ
ހުރިހައި އަތޮޅެއްގެ ވާހަކަ ބުނަން މިހާރަކަށް އައިސް އަތޮޅުތެރެ ބޭނުންކޮށްފައި
އެބަ ހުރެއެވެ.

"އަތޮޅުތެރެ" މި ލަފުޒަކީ ވަކި
އަތޮޅެއްގެ ވާހަކަ ދައްކާ އިރު ބޭނުންކުރާ ލަފުޒެކެވެ. އަތޮޅުވެރިޔާ ވަޑައިގެން ވީ
އަތޮޅުތެރޭގައެވެ. މިހެން ބުނުމުން އެ ބުނަނީ އަތޮޅުވެރިޔާ، އޭނާ ހުންނަވާ ރަށް
ނޫން އެ އަތޮޅުގެ އެހެން ރަށްރަށަށް ދަތުރުކުރެއްވުމުގައި އުޅުއްވާ ވާހަކައެވެ. އަދި
ވަކި އަތޮޅެއްގެ ވާހަކަ ދެއްކި ނަމަވެސް، އެ އަތޮޅުގެ އެންމެ ރަށެއްގެ ވާހަކަ ބުނާ
އިރު ވެސް "އަތޮޅުތެރެ" އެއް ބޭނުމެއް ނުކުރެއެވެ. އެ ގޮތުގައި
ބޭނުންކުރަނީ އެ ރަށެއްގެ ނަމެވެ. މިސާލަކަށް އިބްރާހީމު ވީ ކެޔޮ ގަންނާން
ބިލެތްފައްސަށް ގޮހެވެ. އެކަމަކު އިބްރާހީމް ބިލެތްފަހީގެ އިތުރަށް އެ އަތޮޅުގެ
އެހެން ރަށްރަށަށް ވެސް ދާނެ ނަމަ އިބްރާހީމް ވީ ކެޔޮގަންނަން އަތޮޅުތެރޭގައޭ
ބުނެވިދާނެއެވެ.

ރާއްޖޭގެ ހުރިހައި އަތޮޅަކަށް ނިސްބަތްކޮށް
ބުނާ ބުނުމެއްގައި އަތޮޅުތެރެއޭ ބުނުމުން ހުރިހައި އަތޮޅަކަށް ނިސްބަތެއް
ނުވެއެވެ. ނިސްބަތް ވަނީ ކޮންމެވެސް އެއް އަތޮޅެއްގެ ރަށްރަށަށެވެ. އެކަމަކު އެއީ
ވަކި އަތޮޅެއް ކަމެއް ނޭނގެއެވެ. ހުރިހައި އަތޮޅަކަށް ނިސްބަތްކުރާނަމަ އެ ކަން
ކުރެވޭނީ އަތޮޅުތައް ބޭނުންކުރުމުންނެވެ. މިސާލަކަށް، މާލެއާއި އަތޮޅުތަކުގެ އެކި
ހިސާބުގައި ޤައުމީ ދުވަސް ފާހަގަކުރަމުން ދާ ކަމުގައި ބުނުމުންނެވެ. އެކަމަކު މިއީ
ވެސް ކޮންމެހެން ބުނަން ބޭނުން ގޮތެއް ބާއޭ ހިތަށްއަރައެވެ. މާލެއާއި އަތޮޅުތައް
އެހެން ނުބުނެ، ރާއްޖޭގެ އެކި ހިސާބުގައި، ނުވަތަ ރާއްޖޭގެ އެކި ރަށްރަށުގައި،
ނުވަތަ ކުރިން އަޅުގަނޑު މި ދެންނެވި ޚަބަރު ފަށަމުން ބުނިހެން ރާއްޖޭގެ އެކި
ކަންކޮޅުތަކުގައި ޤައުމީ ދުވަސް ފާހަގަކުރަމުން ދާ ކަމުގައި ބުނުމުން ވާނީ
ކީއްތޯއެވެ؟

އަންޒަމާނުކަރައިގެ ގަބީލާތަކުގެ މާދަރީބަސްތައް މަރުވަނީ

 

މި އަހަރުގެ ބައިނަލް އަޤްވާމީ މާދަރީބަހުގެ
ދުވަސް ފާހަގަކުރަން މަހެއްހައި ދުވަހަށް ވެފައި އޮތްވައި، އެ ދުވަސް ނުދެކި މި
ދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުގެރޭ 11.30 ގައި އަނެއްކާ ވެސް ބަހެއް
މަރުވެއްޖެ އެވެ. ދުނިޔޭގައި މީހުން ވާހަކަދައްކައި އުޅޭ ބަސްތަކުގެ ތެރެއިން،
މަރުވަމުން ދާ ބަސްތަކުގެ ލިސްޓަށް އަލަށް އިތުރުވީ މި ބަހަކީ އަންޒަމާނު ކަރައިގެ
ބޯދާ ބަހެއްކަމުގައި ވާ "ބޯ"
(Bo) ބަހެވެ. މި ބަހަކީ
65،000 އަހަރުވީ ބަހެއްކަމަށް ބެލެވެއެވެ. މި ބަސް މަރުވީ އެ ބަހުން ވާހަކަ ދައްކާ
މީހުންގެ ތެރެއިން ދުނިޔޭގައި އެންމެ ފަހުން ހުރި މީހާ ބޯ ސރ
(Boa Sr) މަރުވުމުންނެވެ. (ސރ
އަކީ ސީނިއަރގެ ރަމުޒެވެ. މި ގޮތަށް ބޭނުންކުރެވެނީ އެ ގަބީލާގައި ބޯ ކިޔާ ދެ
މީހުން ތިބޭތީ އެ ދެމީހުން ވަކި ކުރުމަށެވެ. ބޯ ޖޫނިއަރ
، ބޯ ސީނިއަރ އަށް ވުރެ 53 އަހަރު ހަގެވެ.)

ބޯ ސރ (ފޮޓޯ: އެންޑަމަނީޒް.ނެޓް)

 ބޯ ސރ
މަރުވި އިރު އުމުރަކީ 85 އަހަރެވެ. ބޯ ސރ މަރުވީ ގާތްގަނޑަކަށް ތިރީހަކަށް އަހަރު
"ބޯ" ބަހުން ވާހަކަ ދައްކާނެ އެހެން މީހަކު ނެތި އުޅުމަށްފަހުގައެވެ.
"ބޯ" ބަހުން ވާހަކަދައްކާނެ އެހެން މީހަކު ނެތި ބޯ ސރ
އެކަނިވީ އޭނާގެ
މައިން ބަފައިން މަރުވުމުންނެވެ. ބޯ ސރ ފަހުން އެހެން މީހުންނާ މުވާސަލާތު
ކުރަމުން ގެންދިޔައީ ހިންދީ ބަހުގެ އަންޒަމާނީ ބަހުރުވައެއް ދަސްކޮށްގެންނެވެ. ބޯ
ސރ ގެ ވަނަވަރު
ބެއްލެވުމަށް  ތިރީގައި ނަންބަރު (1) ގައި އެ ވާ ސަފުހާ އަށް
ވަޑައިގަންނަވާށެވެ.
އަދި އޭނާ އޭނާގެ މާދަރީ ބަހުން ކިޔައިފައިވާ ލަވައެއް
އަޑުއައްސަވައިލައްވަން ނަންބަރު (2) ގައި އެ ވާ ސަފުހާއަށް ވަޑައިގަންނަވާށެވެ.

މީގެ ކުރިން 2009 ނޮވެމްބަރުގައި ވެސް ވަނީ
އަންޒަމާނުކަރައިގެ ބޯދާ ބަހެއް މަރުވެފައެވެ. އެ ބަހަކީ ޚޯރާ އެވެ. ޚޯރާބަސް
މަރުވީ އެ ބަހުން ވާހަކަ ދައްކާ މީހުންގެ ތެރެއިން ދުނިޔޭގައި އެންމެ ފަހުން ހުރި
މީހާ ބޯރޯ
(Boro) މަރުވުމުންނެވެ.
ބޯރޯގެ ވަނަވަރު ވެސް ތިރީގައި ނަންބަރު (1) ގައި ވާ ސަފުހާ އިން
ފެނިވަޑައިގަންނަވާނެއެވެ.

ބޯރޯ
(
ފޮޓޯ: އެންޑަމަނީޒް.ނެޓް)

އަންޒަމާނުކަރައިގެ ގަބީލާތައް ބެހިފައި
ވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ، ގްރޭޓް އެންޑަމަނީޒް، ޖަރަވާ، އޮންގޭ،
ސެންޓިނެލީޒް މި ހަތަރު ގުރޫޕެވެ.

ބޯ ސރ އާއި ބޯރޯ އަކީ މި ތަނުން ގްރޭޓް
އެންޑަމަނީޒް ގުރޫޕުގައި ތިބި އެންމެ ދުވަސްވީ ދެ މީހުންނެވެ. މި ގުރޫޕު
އެކުލެވިފައި ވަނީ 10 ކުދި ގުރޫޕުގެ މައްޗަށެވެ. ގިނައިން ކުޑަކުދީން ހިމެނޭ މި
މައި
ގުރޫޕުގައި 13 ޖަނަވަރީ 2006 ގައި ތިބީ ކުދިބޮޑު، އަންހެންފިރިހެން 50
މީހުންނެވެ. މި 50 މީހުންގެ ނަމާއި، ޖިންސާއި އުމުރު ވެސް ތިރީގައި ނަންބަރު (1)
ގައި ވާ ސަފުހާ އިން ފެނިވަޑައިގަންނަވާނެއެވެ. މި މައި ގުރޫޕުގެ މީހުން
ވާހަކަދައްކާ އެންމެ މަދުވެގެން ވެސް ތަފާތު ހަތަރު ބަސް އޮވެއެވެ. މި ގުރޫޕުގައި
މާދަރީބަހުން ވާހަކަދައްކާ ގޮތުގެ ހޫލާތަކެއް ބައްލަވައިލެއްވުމަށް ނަންބަރު (3)
ގައިވާ ސަފުހާ އަށް ވަޑައިގަންނަވާށެވެ.

ޖަރަވާ ގުރޫޕުގައި 250 ހަކަށް މީހުން
އުޅެއެވެ. މި ގުރޫޕު އުޅެނީ އަންޒަމާނު ކަރައިގެ މެދުތެރޭގެ ބޯ
ޖަންގަލިތަކުގައެވެ. ބެލިފައި ވާ ގޮތުގައި އޮންގޭ ގުރޫޕުގެ މީހުންގެ އަދަދު ވެސް
ވާނީ ދެތިން ސަތޭކައެއް ހައި
ވަރެވެ. ސެންޓިނެލީޒް ގުރޫޕުގެ މީހުންނާއި އެހެން
ބަޔަކާ މިހައިތަނަށް ގުޅުމެއް ނެތެވެ. އެހެންކަމުން ބޭރުގެ ނުފޫޒުތަކުން އެ މީހުން
މިހައިތަނަށް ވަނީ ސަލާމަތް ވެފައެވެ.
އަންޒަމާނުކަރައިގެ މި ގަބީލާތަކާ ބެހޭ އިތުރު މަޢުލޫމާތު
ހޯއްދެވުމަށް ތިރީގައި ނަންބަރު (4) ގައި އެ ވާ
ސަފުހާއަށް ވަޑައިގަންނަވާށެވެ.

އަންޒަމާނުކަރައިގެ
ރަށްތަކަކީ ބަހަވީގޮތުން ދުނިޔޭގެ އެންމެ ތަފާތު އެއް ސަރަހައްދެވެ. ބެލެވިފައިވާ
ގޮތުގައި އަންޒަމާނުކަރައިގެ ބަސްތަކަކީ އެފްރިކާގެ ބައެއް ބަސްބަހުން
އުފެދިފައިވާ ބަސްތަކެކެވެ. އޭގެ ތެރެއިން ބައެއް ބަސްބަހަށް 70،000 އަހަރު ވެދާނެ
ކަމަށް ބެލިފައި ވެއެވެ. އަންޒަމާނުކަރައިގެ ރަށްތައް އޮންނަނީ އިންޑިޔާގެ މައިބައްރުގެ
700 މޭލު އިރުންނެވެ.

ޓީނާ ކެލްސް، ނައުޕަބްލިކް.ކޮމް ގައި ބަޔާންކޮށްފައިވާ
ގޮތުގައި ބޯ ބަސް މަރުވުމުން، އިންޑިޔާގެ ގަބީލާތަކުގެ ބޯދާ ބަސްތަކުގެ ތެރެއިން
2009 ޑިސެމްބަރުން ފެށިގެން އެ މަރުވީ ދެ ވަނަ ބަހެވެ.

 

(1)              
http://www.andamanese.net/generalia.htm

(2)              
http://www.youtube.com/watch?v=_K3lrMphIHA&feature=player_embedded

(3)              
http://www.andamanese.net/lang_graph.htm

(4)              
http://www.and.nic.in/C_charter/Dir_tw/pri_tri.htm